ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އއ ހިމަންދޫއަށް ވަޑައިގަތުން.
ރައީސުލްޖުމްހޫރިއްޔާ އއ އަތޮޅުގެ 6 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހުގެ ހަވީރު ހިމަންދޫއަށް ވަޑައިގަތުމުން ހިމަންދޫއިންވަނީ ރައީސުލް ޖުމްހޫރިއްޔާއަށް ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލް ޖޫމްހޫރިއްޔާއަށް މަރުޚަބާ ދެންނެވުމަށް ހިމަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެ ރައީސުލް ޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާފައެވެ.
ރައީސުލް ޖުމްހޫރިއްޔާ ހިމަންދޫއަށް ވަޑައިގެން އެއްންމެ ފުރަތަމަ ކަމެއްގެގޮތުން ބަނދަރު ހުޅުވުމުގެގޮތުން ވަނީ، ހިމަންދޫ ބަނދަރުގެ މަޢުލޫމާތު ހިމެނޭ ރަމްޒީލިޔުމުގެ ފަރުދާ ކައްސަވާލަދެއްވާފައެވެ.
ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް ވިދާޅުވީ، މިއަދު ސިފަވަމުންދަނީ ހިމަންދޫގެ ތާރީޚްގައި ފޮހެވިގެން ނުދާނެ ތާރީޚީ ދުވަހެއްގެ ގޮތުގައެވެ. ފަނޑުވަމުންއަލި ދާވަގުތުތަކުގާ ލިބޭ ރޫޙީއުފާ އެތައްގުނައަކަށް އުޖާލާކުރުވި ދުވަހެއްގެ ގޮތުގައެވެ. ހިތުގެ އުޖާލާކަން ފޫދިގެންގޮސް ހިމަންދޫގެ ރައްޔިތުންނާއި ގުޅާލެވުނު ދުވަހެއްގެ ގޮތުގައެވެ. ޝުކުރުން ހިތްފުރި، ފިކުރުން ސިކުނޑި މިނިވަންވި ދުވަހެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން ހުޝާމް ވިދާޅުވީ، ރައީސް ޞާލިޙު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ހިމަންދޫއަށް ވަޑައިގަތުމުން ހިމަންދޫއަށް ބޭނުންވާކަންތައްތަކުގެ ލިސްޓެއް ހިމަންދޫ ރައްޔިތުންގެ ފަރާތުން ރައީސަށް އެރުވިކަމަށެވެ. މިއަދުވެސް އެލިސްޓް އޮތްކަމަށް ވިދާޅުވެ ހުޝާމް ވިދާޅުވީ އެންމެ ކަމެއް ފިޔަވައި ހުރިހާކަމެއްގައި މިއަދު ވަނީ ހެޔޮފާހަގަ ޖަހަން ޖެހިފައިކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ; ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ހިމަންދޫއަށް ވަޑައިގެން ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ހުޝާމް ހުށަހެޅުއްވިކަމަށެވެ. ފާހަގަނުޖެހި އޮތްކަމެއްގެ ވާހަކަ ހުޝާމް ފާހަގަކުރެއްވި. އެއީ ސިއްހީ ޚިދުމަތުގެ ވާހަކަ އަޅުގަނޑު ހިތުން. އެތަނުގެ ލެބޯޓްރީއެއް ގާއިމުކޮށް، ރަށުގައިދެވޭ ސިއްހީ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް ރައްޔިތުންނަށް ރަށުން ލިބޭނެ ގޮތް ހަދައިދެވޭނެ ވާހަކަ. އިރާދަކުރެއްވިއްޔާ އެކަންވެސް ކޮށްދޭނަން. ދަތުރުކުރެއްވި ކޮންމެ ރަށަކުންވެސް އެކަހަލަ ލިސްޓެއް ލިބިވަޑައިގެންނެވިކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ކުރިޔަށްދަނީ ރައްޔިތުން އެހުށަހެޅި ހުށަހެޅުންތަކާއި އެއްގޮތަށްކަމަށެވެ. ވަކި ރަށެއް ބާކީ ނުކޮށް، އާބާދީއަށް ބެލުމެއްނެތި, ރައްޔިތަކަށް ވީތީ ކޮށްދޭންޖެހޭ ކަންކަން ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން ކޮށްދެއްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ހިމަންދޫގެ ރައްޔިތުން ހުށަހެޅި އެންމެ މުހިންމު ކަމަކީ ރަށުގެ ބަނދަރުކަމަށާއި, އެކަން ފުރިހަމަވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އުފާކުރައްވާކަމެއް ކަމަށް ވިދާޅުވިއެވެ.
ގެއިތުރުން ރައީސް ވިދާޅުވީ ހިމަންދޫގެ ތަރައްޤީއަށްޓަކައި މިހާރުވެސް ވަރަށް ގިނަ ކަންކަން ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކުޑަކުދިންގެ ޕާކާއި އައުޓްޑޯރ ޖިމާއި ފުޓް ބޯޅަ ދަނޑުގެ މަސައްކަތްކުރިޔަށްދާކަމަށެވެ. މީގެއިތުރުން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން މިހާރު ފެށުމަށް އަންނަނީ ތައްޔާރުވަމުން ކަމަށާއި 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ހިމަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. އެމްޓީސީސީއާ ހިމަންދޫގެ ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ
މިމަޝްރޫޢުގެ ދަށުން 45،252 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 372 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލާފައިވެއެވެ. އަދި 251 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި, 147 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލައި, 1750 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާފައިވެއެވެ. މީގެއިތުރުން 4 މީޓަރު ފުޅާ ބްރިޖެއް ހަދައި, 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހަދައި, ބަނދަރު ބައްތި ހަރުކޮށްފައިވެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މި ދަތުރުގައި ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ހިމަންދޫ ގިރާސަރަހައްދަށް ވަޑައިގެން ވަނީ ގިރާސަރަހައްދު ބައްލަވާލައްވާފައެވެ. އަދި މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާވަނީ ހިމަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރައްވައި ހިމަންދޫގެ މިހާރުގެ ހާލަތު އޮޅުންފިލުވައި އަދި ރަށުގައި މިވަގުތުހުރި ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.